މާލޭގެ 3 ގެއެއް ބަލައި ފާސްކޮށް، އެއްކިލޯގެ ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ ހޯދައި، 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި 3 މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން 3 ގެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު މައިހާން ފަޔާޒާއި، އިބްރާހީމް މާޖިދު 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

