އިސްލާމްދީނުގެ ޖުމުހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެވަޑައިގަންނަވަނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ. އަދި ޖާއިޒުކަމަށް ދެކެވަޑައިގަންނަވާ އިލްމުވެރިން ވެސް ވިދާޅުވަނީ ވާޖިބު ކަމެއް ނޫންކަމެއް ކަމުގައި ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ ދީނުގެ ކަންކަމުގައި އަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް ކަމަށާއި، ކީރިތި ރަސޫލާގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށެވެ.
މިސާލެއް ގެންނަވަމުން މިިނިސްޓަރު ވިދާޅުވީ އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ ކަށު ނަމާދު ކުރައްވާފައިނުވާ ކަމަށެވެ.
އެ ހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް ޙަމްޒަތުގެފާނުގެ މައްޗަށް އަދި އެހެން ބޭކަލެއްގެ މައްޗަށް ވެސް ފަސްދާނުލުމުގެ ކުރިން ކަށު ނަމާދު ކުރައްވާފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައެވެ. ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެކެވެ. ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުމެވެ.
މި މައުޟޫއުގެ މައްޗަށް މިނިސްޓަރު ވާހަކަފުޅު ދައްކަވާފައި މިވަނީ ހަމާސްގެ ލީޑަރު ޔަހުޔާ ސިންވާރުގެ މައްޗަށް ރާއްޖޭގައި ކަށު ނަމާދު ނުކުރާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންދާ ވަގުތެެއްގައެވެ.

