މަސްވެރިންނަށް ނުދެވި ހުރި ފައިސާ ޖަމާކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ކަމަށާއި، އަމާޒަކީ މި ހަފުތާގައި ފައިސާ ޖަމާކުރުން ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ.
28 ސެޕްޓެމްބަރުން ފެށިގެން މިފްކޯއަށް ކިރާފައިވާ މަހުގެ ފައިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު މިފްކޯއިން ބުނެފައިވަނީ މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ފައިސާ ޖަމާކުރެވޭނެ ވަކި ތާރީޚެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކިރި މަހުގެ ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ޚާލާސްކުރުން ކަމަށެވެ.
މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން 28 ސެޕްޓެމްބަރުން ފެށިގެން މި މަހުގެ 14 އާ ދެމެދު ކިރާފައިވާ މަހަށް 9.1 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕެންޑިންގ ގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފުތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަމާޒަކީ މި ހަފުތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު އެ ކުންފުންޏަށް މަސް ކިރާފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

