މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ލަގެޖުގައި 81,130 ޔޫއެސް ޑޮލަރު ފޮރުވައިގެން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ ޝަހްމިން އިސްލާމް ޝަގްރު 12,000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ބަންގްލަދޭޝްގެ ޑާކާއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ޝަހްމިން އަތުލައިގަތީ އޮގަސްޓު 25 ވަނަ ދުވަހުއެވެ. 81,130 ޔޫއެސް ޑޮލަރު ފެނުނީ އޭވިއޭޝަން ސެކިއުރިޓީން އޭނާގެ ލަގެޖު ޗެކްކުރިއިރު، އޭނާ ގެންގުޅުނު ކަޅު ކުލައިގެ ބެކްޕެކް ތެެރޭގައި އޮތް ހުދު ކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކެލޮގްސް ބްރޭންޑްގެ ކޯންފްލެކްސް ޕެކެޓެއް ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއިން ގެންދަން އުޅެނިކޮށެވެ.
މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް އިއުތިރާފުވެ، ޝަހްމިން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.
ޝަހްމިންގެ މައްޗަށް ކުށް ސާބިތުވާތީ، އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށް ޝަރީއަތުން ވަނީ 12,000 ރުފިޔާއިން ޝަހްމިން ޖޫރިމަނާކުރަން ހުކުމް އިއްވާފައެވެ. އަދި އެ ފައިސާ 15 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން ޝަހްމިންގެ އަތުން ފެނުނު 81,130 ޔޫއެސް ޑޮލަރު ކަސްޓަމްސް ސަރވިސްއަށް ނެގުމަށް ޝަރީއަތުން ވަނީ އަމުރުކޮށްފައެވެ.

