ގއ.އަތޮޅު ފަޅުރަށެއްގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ ގއ.އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތި
ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމް ކަމަށެވެ
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

