ވ. އަތޮޅުގައި ހިންގަމުން އަންނަ ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބޭރުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ. މަރުވި މި ފަތުރުވެރިޔާއަކީ ބެލަރޫސްގެ 64 އަހަރުގެ އަންހެނެކެވެ.
ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، މަރުވި މި އަންހެން މީހާއަކީ ދިހަވަރަކަށް މީހުންނާއެކު އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު މީހެކެވެ. އޭނާ ގެނބުނު ފަހުން ފަރުވާ ދިނުމަށްޓަކައި ގެންދިޔައީ ވ. ފެލިދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް، ހޮސްޕިޓަލުގެ ރަސްމީ ބަޔާނެއް އަދި ލިބިފައިނުވާތީ، އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަން ނުވަތަ ނޫންކަން މި ވަގުތު ކަށަވަރުކުރެވިފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވި އަންހެން މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި ހާދިސާއަކީ މި މަހު ތެރޭގައި ރާއްޖޭގައި ހިނގި މިފަދަ ތިންވަނަ ހާދިސާ އެވެ. މީގެ ކުރިން، އެހެން ދެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ދެ ފަތުރުވެރިއަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ.

