ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުރަށެއް ލިބޭ ގޮތް ހައްދަވައިދެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރެއްވި އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓައިފިއެވެ.
ޕްރޮޕޯސަލްތައް ވަޒަންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކަށް ފަޅުރަށެއް ލިބޭ ގޮތް ވުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވުމުގެ އިތުރުން، އެ ރަށެއްގެ ރައްޔިތުންގެ އުފާފާގަތި ކަމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.
މިއަދު ވަޒަންކުރަން ފެށުނު 4 ޕްރޮޕޯސަލް ވަޒަންކޮށް ނިމި، މިހާތަނަށް ފަޅުރަށް ހޯދުމަށް އެދިލެއްވި 4 ކައުންސިލަށް އަންނަ މަހުގެ ކުރީ ކޮޅު އެ ރަށްތައް ލިބޭ ވަރު ވާނެ ކަމަށް ސިޓީސް މިނިސްޓްރީން އުންމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

