ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ވަޑައިގެންފިއެވެ.
މި މަހުގެ 21 އިން 26 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ދަންފަޅިތަކުގައި މުހިންމު ބަޔާންތަކެއް އިއްވަވާނެ އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު މަންސައެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
މި އަހަރުގެ ބައްދަލުވުމަކީ ކޮޕް 29ގެ ކުރިން ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށް ވެގެންދާނެކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

