މަރުގެ އަދަބ އަދަބު ތަންފީޒުކުރުމަށް ވީ އެންމެ އަވަހަކަށް މަސައްކަތްކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްއާއެކު ރާއްޖޭގެ ހިއުމަން ރައިޓްސް ރިވިއުގައި ބައިވެރިވެފައިވެއެވެ. އަދި އެ ރިވިއުގައި ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއްކަމަށާއި، އިސްލާމްދީނުގައި އޮންނަ ގޮތަށް ހުކް ހުކުމްތައް ތަންފީޒުކުރާނެކަމަށް ވިދާޅުވެފައިވާނެ ކަމަށްވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބަލަންޖެހޭ މިންގަނޑުތަކެއް ހުރިކަމަށް ވިދާޅުވަމުން، މިނިސްޓަރު އިހުސާން ވިދާޅުވީ، “އޭގެ ތެރޭގައި މީހާ ކޯޓުން ގޮސް އެ އޮންނަ ހުރިހާ މަރުހަލާއެއް ނިމި، އެ މީހާއަށް އެ ދެވޭ އަދަބަކީ އިއާދަނުކުރެވޭ އަދަބެއް ކަމަށްވާތީވެ އެހުރިހާ މިންގަނޑަކުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާ ނިމި” އެވެ.
މީގެއިތުރުން، ތަންފީޒީ މަރުހަލާއަށް ހަދަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކާއި، ތަން ތައްޔާރުކުރުމާއި މީހުން ތަމްރީނުކުރުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަންކަން ނިމޭހާ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް އިތުބާރު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު އިހުސާން އިޢުލާންކުރެއްވީ މިދިޔަ ޑިސެންބަރު މަހުއެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މަރުގެ އަދަބު ތަންފީޒުނުކުރުމަށް ގޮވާލާފައިވެއެވެ.

