ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަގާމާ ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ އައު ރައީސް، މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު، އެމަނިކުފާނަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްގީއާއި ކުރިއެރުން ލިބިގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވެއެވެ.
ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ މުއިއްޒު ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ޑރ މުއިއްޒުގެ ތަހުނިޔާގެ މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ މުއިއްޒުގެ މެސެޖު ނިންމަވާ ލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީ އާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުން ލިބެމުން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

