އައްޑޫ ސިޓީ ހިތަދޫ އާރިކިޅި ޗަސް ބިމުގައި ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުނީ އޮކްޓޯބަރު 22، މިއަދުހަވީރު 5:48 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި މަޢުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ.
ފަޔަރ ފައިޓަރުންގެ ހަލުވި މަސައްކަތުން އަލިފާން ވަނީ މިރޭ 7:05 ގައި މުޅިން ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގި ސަބަބާއި، ގެއްލުން ލިބުނު މިންވަރާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

