އަންނަ އަހަރުގެ މެދުތެރޭގައި ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީސް ގްލޯބަލް ޔޫތު ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލައިފިއެވެ.
ގްލޯބަލް ޔޫތު ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. މި ސަމިޓުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ބުނީ މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޒުވާނުންނަށް އެމީހުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކޮށް، ވިޔަފާރީގެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ މުހިންމު ފުރުސަތެއް ކަމަށެވެ.
ގްލޯބަލް ޔޫތު ސަމިޓުގައި ބައިވެެރިވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ހަރަކާތްތެރި އަދި ގާބިލު ޒުވާނުންނާ ބައްދަލުކޮށް، އެމީހުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މި ސަމިޓުގެ އަމާޒަކީ ޒުވާނުން ބާރުވެރިކޮށް، އެމީހުންނަކީ ވަނީ ވިޔަފާރީގެ ދާއިރާގައި އިސްނަގައިގެން މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.

