ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މިހާރު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ސަމޯއާގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށާއި، މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ތިމާވެށީގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި އިގުތިސާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ގައުމުން އަނެއް ގއުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރަން ގެންދަވާ އިސް ދައުރު ވެސް ފާހަގަކުރައްވައިފައެވެ.

