ސިނގިރޭޓު ބުއިމަކީ އެ ކަމުގެ ސަބަބުން އަނގައިގެ ވަސް ތަޣައްޔަރުވެ ދުންފަތުގެ ނުބައި ވަސް، ލައިގެން ހުންނަ ފޭރާމުގައި ވެސް ހިފާ ކަމެކެވެ. މި ޙާލަތުގައި ހުރެ މިސްކިތަށް ދިޔުމަކީ މަކުރޫހަ ކަމެކެވެ. އެހެނީ ރޯ ފިޔާ ލޮނުމެދު ފަދަ ތަކެތި ކައިގެން އޭގެ ވަސް ނުފިލަނީސް މިސްކިތަށް ނުދިޔުމަށް ބުނާ ޞައްޙަ އެތައް ޙަދީޘެއް ވެއެވެ.
އަލްއިމާމުއްނަވަވީ رحمه الله، އެކަލޭގެފާނުގެ ރިޔާޟުއްޞާލިޙީނޭ ކިޔުނު ފޮތުގައި “ލޮނުމެދާއި ފިޔާ ފަދަ ތަކެތި ރޮލާ ކައިގެން މިސްކިތަށް އައުން ނަހީކުރައްވައިފައި ވާކަން ނަންގަނެވޭ ބާބު”ގެ ނަމުގައި ވަކިން ބާބެއް ގެންނެވިއެވެ. އަދި އެ ބާބުގައި ގެންނަވައިފައި ވާ ޙަދީޘްތަކުގައި ވަނީ، ލޮނުމެދާއި ފިޔަލާއި ލީކްސްފަތްފަދަ ތަކެތީގައި އެހެން މީހުންނަށް އުނދަގޫވާ ފަދަ ދިލަވަސް ހުންނަ ޒާތުގެ ތަކެތި ރޮލާ ކައިގެން ވަސް ނުކެނޑެނީސް، ކޮންމެހެން ވަންނަންޖެހިއްޖެ ހާލަތެއްގައި މެނުވީ، މިސްކިތައް ވަނުމަކީ، ނަހީކުރެއްވިގެންވާ ކަމެއްކަން ބަޔާން ކުރައްވައިފައެވެ. އެ ބާބުގެ ފުރަތަމަ ތިން ޙަދީޘްގައި ވަނީ ރޯ ލޮނުމެދާއި ފިޔާފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާޢަތަށް ނައުމަށް އިރުޝާދު ދެއްވައިފައި ވާ ޙަދީޘްތަކެވެ. އަދި އެހެން ޙަދީޘެއްގައި އެކަން ނުކުރުމަށް އެންގެވުމުގެ ޙިކުމަތް ވެސް ވަނީ ބަޔާންކުރައްވައިފައެވެ.
ޞަޙީޙު މުސްލިމުގައި ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. «مَنْ أَكَلَ الْبَصَلَ وَالثُّومَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ» (رواه مسلم، 564) މާނައީ: “އެއްވެސް މީހަކު ލޮނުމެދު ނުވަތަ ފިޔާ ނުވަތަ ލީކްސްފަތް (ރޮލަށް) ކައިފިއްޔާ، އެ މީހަކު ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ.”
މިސްކިތުގައި ކުރެވޭ ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވާ ކަމުގައި، މި ޙަދީޘުންނާއި، އަދި މި ނޫން އެހެން ޙަދީޘްތަކުންނާއި ކީރިތި ޤުރްއާނުގެ ބަސްފުޅުތަކުން ވެސް އެނގެއެވެ. ވީމާ، ޖަމާޢަތަށް ޙާޟިރުވާ މީހާގެ ގައިން ނުބައިވަސްދުވާ ނަމަ އެ ކަމަކީ ޖަމާޢަތުގައި ތިބޭ އިންސާނުންނަށާއި، އެ ޖަމާޢަތަށް ޙާޟިރުވެވަޑައިގަންނަވާ މަލާއިކަތުންނަށް ވެސް އެ ކަމުގެ އުނދަގޫ ފޯރާނޭ ކަމެކެވެ.
ބިޑި ސުއްޓާ ސިނގިރެޓު އަދި މި ޒަމާނުގައި “ވޭޕް” ބޮއެގެން، އެ ތަކެތީގެ ނުބައި ވަސް ނުކެނޑެނީސް މިސްކިތަށް އަރާ އެތައް ބަޔަކު އުޅެއެވެ. އެ ބޭނުންކުރާ މީހުންނަށް އޭގެ ވަހުން އުދަގޫ ނުވިޔަސް އަދި އެއީ މާބޮޑު ކަމެއް ކަމުގައި އެ މީހުން ނުދެކުނު ކަމުގައި ވިޔަސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް އެ ވަހުން ވާ އުނދަގޫ ނުހަނު ބޮޑެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ވޭޕް ބޭނުން ކުރުމަކީ ޞިއްޙީ ގޮތުން ވެސް އެތައް ގެއްލުންތަކެއް ހުރި ކަމެއް ކަމުގައި ވާއިރު، އެ ކަމުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ވަކީން ޚާއްޞަކޮށް، ދުންފަތުގެ ނުބައި ވަހާ އެކު މިސްކިތަށް އެރުމަކީ މަކުރޫހަ ކަމެއް ކަމުގައި ވީ ހިނދު، ދީނީ ގޮތުން ވެސް އެންމެ އެދެވިގެންވާ ގޮތަކީ، އެ ތަކެތި ބޭނުންކުރުން ހުއްޓައިލުމެވެ. ނަމާދަށް އަރާ ހިނދު، އަޅަމެން ކުއްތަންވަނީ ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟުރަތަށެވެ. ނަމާދުގައި ހުންނަ ވަގުތަކީ އެންމެ ސާފު ތާހިރު އަދި އެންމެ ޚުޝޫޢަތްތެރިކަމާއި އަދަބުވެރިކަމާ އެކު ހުންނަ ވަގުތު ކަމުގައި ހަދަން ވާނެއެވެ.
الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

