މަންމައަށް މަރުގެ އިންޒާރު ދީ، އަނިޔާކޮށް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި އިއްޔެ ހައްޔަރުކޮށްފައިވަނީ ހ.އެހަޑަ، މުޙައްމަދު އިސްމާޢީލް (28އ) އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގެ އެޗް 13 ގެ ފްލެޓަކުން އަންހެނަކު ރޯ އަޑު އިވުމުން، އެކަން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ 18:17 ހާއިރުއެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ ފުލެޓުގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ އޭނާގެ މަންމަ ކަމަށާއި، އެ އަންހެން މީހާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ، މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށެވެ. އަދި އެއަށްފަހު ފޯނު ފޭރިގަނެގެން ދަރިފުޅު ގޮސްފައިވާ ކަމަށެވެ.
އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

