ފަތުރުވެރިއެއްގެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ރިސޯޓެއްގެ މުވައްޒަފަކު 28,000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޫޖޫރިމަނާގެ ހުކުމް އިއްވީ އއ.ސޭންޑިސް ބަތަލާ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ހަމްޒަތު މުޙައްމަދު ކިޔާ މީހެއްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލީ އޮގަސްޓް 2023 ގައި ރިސޯޓުގައި އޭނާ ބަލަހައްޓަމުންދިޔަ ކޮޓަރީގައި އޭރު ހުރި ރަޝިޔާގެ ރައްޔިތެއް ކަމަށްވާ އީގޯ ސުނިޓިކޯ އެ ކޮޓަރީގެ ސޭފްގައި ބަހައްޓާފައި ހުރި 2100 ޑޮލަރާއި، 4000 ރުބެލް ވަގަށް ނެގި މައްސަލާގައެވެ.
ހަމްޒަތު ވަނީ މި ދައުވާއަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް ޝަރީއަތުން ހަމްޒަތުގެ މައްޗަށް ވަނީ 28,000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް އަމުރުކޮށްފައެވެ. އަމުރުކޮށްފައިވަނީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ.

