ހެނދުނު ސިނަމާލެ ބްރިޖް ކައިރިއަށް ކުލަޓައްޕުތަކެއް ބަންޑުންވެ، އެ ސަރަހައްދުގެ މަގުމައްޗަށް ކުލަ އެޅިއްޖެއެވެ. މި ހާދިސާ ހިނގީ ބޮޑުތަކުރުފާނުމަގުން ސެނަހިޔާ އާ ދިމާލަށް ދުއްވާފައިދިޔަ ލޮރީއަކުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ، ލޮރީގައި ހުރި ކުލަޓައްޕުތައް ބަންޑުންވީ ބުރިޖާއި ބޮޑުތަކުރުފާނުމަގާ ދިމާވާ ކަންމައްޗަށެވެ.
އެ ފަރާތުން ބުނިގޮތުގައި، ލޮރީ މަގަށް އަޅާލި ވަގުތު އަރި އަޅާލުމުން ޓައްޕުތައް ބަންޑުންވެ ވެއްޓުނީއެވެ.
ލޮރީގައި ގާތްގަނޑަކަށް 50 އެއްހާ ކުލަ ޓައްޕު ހުރިކަމަށް ބެލެވެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ކުލަ ޓައްޕުތައް ބިންމައްޗަށް ވެއްޓި ބަންޑުންވުމުގެ ސަބަބުން މުޅި އެ ސަރަހައްދަށް ވަނީ ކުލައެޅިފައެވެ. އަދި ކުލަ ޓައްޕުތަކުގެ ތެރޭގައި ސީލަރުވެސް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކަށް އަނިޔާވިކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

