ޖަލު ހުކުމަކުން ފިލައިގެން އުޅެނިކޮށް ހިފަހައްޓައިގެން ޖަލަށް ގެންގޮސްފައިވާ އަދި މިހާތަނަށް އެންމެ ގިނަ މަރުގެ ތުހުމަތު ކުރެވިފައިވާ އިބްރާހިމް ޝަހުމް އާދަމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފިއެވެ.
މި މައްސަލައަކީ 12 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައެވެ. މި މައްސަލާގައި ކުށް ސާބިތުވެ ޝަހުމް މެރުމަށް ހައި ކޯޓުން ކުރި ހުކުމުގެ މައްސަލަ ދެ އަހަރު ފަހުން ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފައިވެއެވެ.
ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2022 ވަނަ އަހަރުއެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލާގައި ހައި ކޯޓުން އިއްވާފައިވެއެވެ. އެއީ އަހުސަން މަރާލުމުގައި ޝަހުމަށް އެހީތެރިވެދިން ކަމުގެ ކުށުގައެވެ.
ޝަހުމްއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މެރި ކަމުގެ ތުހުމަތު ކުރެވޭ މީހާއެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އައިއިރު، އޭނާ ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ. އަދި ޖަލުން ފިލައިގެން 5 ދުވަހު އުޅެފައިވާކަންވެސް ފާހަގަކުރެވެއެވެ.

