މިއަދު މެންދުރުފަހު މާލޭގެ ބޮޑުތަކުރުފާނު މަގަށް ވެއްޓުނު ކުލަ ފާޓާތަކުގެ ސަބަބުން މަގަށް އެޅުނު ކުލަތައް ސާފް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ފަށައިފައެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 12:18 ގައި ބޮޑުތަކުރުފާނު މަގު މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުގައި ލޮރީއެއްގައި އުފުލަމުން ދިޔަ ކުލަ ފާޓާ ތަކެއް ބިން މައްޗަށް ވެއްޓި، މަގުމައްޗަށް ކުލަ އެޅުނު ކަމަށް ރިޕޯޓް ކުރެވުނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަމުންދިޔަ ޕިކަޕަކުން ކަމަށް ބުނެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން މަގުމަތީގައި އެޅުނު ކުލަތައް ސާފުކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ބްރިޖު ކައިރީގެ ސަރަހައްދަށް ވަނީ ކުލަ އެޅިފައެވެ.

