ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) ގެ ޑޮލަރު ލިމިޓް 1,200 އަށް ބޮޑުކުރަން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކުރީ މިރޭ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑޮލަރު ލިމިޓް އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން 1,200 އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ ބޮޑުކުރާ ކާޑް ލިމިޓް ދޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށާއި، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ދަރިވަރުން ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
ބަޔާނުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މި ނިންމުން ނިންމީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

