މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައި، އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މެންބަރު ކަމަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން ހުޅުވައިލީ މިދިޔަ މަހުގެ 16 އިން 25 އަށެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ މި އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް މީޑިއާ ތަކުން އެދެމުންދާތީ އެ މުއްދަތު، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އޮކްޓޯބަރު 23 – 29 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަދި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތު އޮކްޓޯބަރު 30 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި އިންތިޚާބުގައި މީޑިއާ ކައުންސިލަށް އިންތިޚާބު ކުރާނީ 10 މެންބަރުންނެވެ. އެއީ އާންމު 3 މެންބަރުންނާއި، މީޑިއާތަކުން 7 މެންބަރުންނެވެ.

