މުސާރައިގެ %50 ނުނަންގަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރައީސްގެ އިޚްލާސްތެރިކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުސާރައާއި ގުޅޭ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމި ފިޔަވަޅުތައް ރައީސްގެ ވަނީ ހިއްސާ ކުރައްވާފައެވެ.
އެއިން އެއް ފިޔަވަޅަކީ މުސާރައިން %50 ނުނަންގަވަން ނިންމެވި ނިންމެވުމެވެ.
އިތުރު ފިޔަވަޅުތައް:
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރަން ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި ޝުޖާއު ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ވަންދެން ރައީސްގެ މުސާރައިން %50 ނުނަންގަވަން ނިންމެވި ނިންމެވުމަކީ ގައުމު ހަމަމަގަށް އެޅުއްވުމަށް ރައީސްގެ އިޚްލާސްތެރި ނިޔަތް އޮތްކަށް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
މި ބަދަލު ގެނައުމަށް ގާނޫނަކަށް ގެންނަންޖެހޭ އެއްވެސް އިސްލާހެއްވާނަމަ، އެ އިސްލާހަކަށް ފުރިހަމައަށް ތާއީދު
ކުރައްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ދިވެހިންނަށް ހަގީގީ ދިވެހީންގެ ރާއްޖެ ރައީސް ޑރ. މުޢިއްޒާއެކު ހޯދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

