ދުޢާކުރުމަކީ މަތިވެރި އަޅުކަމެކެވެ. އަޅާއާ އެ އަޅާގެ ޚާލިޤާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެވެ. އަޅާ، މާތް ﷲ އަށް ކުއްތަން ކޮށްދޭ ވަޞީލަތެވެ. ބޭނުން ޖެހިގެންވަނީ އަދި ބިރުވެތިވަނީ ހަމައެކަނި އެ އިލާހަށްކަން ބަޔާންކޮށްދޭ އިލްތިޖާއެކެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “الدُّعَاءُ هُوَ العِبَادَةُ” (އައްތިރިމިޛީ: 2979) މާނައީ: “އަޅުކަމަކީ އެއީ ދުޢާކުރުމެވެ.” ޢިލްމުވެރީން މި ޙަދީޘް މާނަކުރައްވާ އެއް ގޮތަކީ، އެންމެ މަތިވެރި އަޅުކަމަކީ ދުޢާކުރުމެވެ. އެއީ ޙައްޖަކީ ޢަރަފާތޭ ބުނެވޭ ބީދައިންނެވެ.
މާތް ﷲ ޝަރުޢުކުރައްވާފައިވާ ކޮންމެ އަޅުކަމަކާ މެދު ފުންކޮށް ނަޒަރު ހިންގާލުމުން، ދުޢާކުރުމާ އަޅުކަމާ ހުރި ވަރުގަދަ ގުޅުން އެނގޭނެއެވެ. އިސްލާމްކަމުގެ ދެވަނަ ރުކުނަށް ވިސްނައިލަމާތޯއެވެ. الصلاة ނޫނީ ނަމާދުގެ ބަހަވީ މާނައަކީ ދުޢާކުރުމެވެ. އަދި ރުކުންތަކާއި ވާޖިބުތަކުގެ ބޮޑުބަޔަކީ ވެސް ދުޢާކުރުމެވެ. ދުޢާކުރުމަށް ދެއްވައިފައިވާ މި އިރުޝާދީ އަމުރުފުޅާ މެދު ފުންކޮށް ވިސްނަވާށެވެ. ﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ (غافر: ٦٠) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”
އަޅާގެ ދުޢާ އިޖާބަކޮށްދެއްވުމަށް މާތް ﷲ ވަޢުދުވެވޮޑިގެންވެއެވެ. އެ އިލާހު، ވަޢުދާ ޚިލާފުވެވޮޑިނުގަންނަވާނެކަން ކަށަވަރެވެ. އެހެނަސް، ދުޢާ އިޖާބަވުމުން، އަޅާ މަޙްރޫމްވެދާނެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “لَا يَزَالُ يُسْتَجَابُ لِلْعَبْدِ، مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ» قِيلَ: يَا رَسُولَ اللهِ مَا الِاسْتِعْجَالُ؟ قَالَ: يَقُولُ: «قَدْ دَعَوْتُ وَقَدْ دَعَوْتُ، فَلَمْ أَرَه يَسْتَجِيبُ لِي، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ” (މުސްލިމް: 2735)، މާނައީ: “އުރެދުމަކަށް އެދި ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް އެދި ދުޢާކުރުމަށް ދާންދެން އަދި ދުޢާ އިޖާބަވުމަށް އަވަސްވެގަތުމަށް ދާންދެން އަޅާގެ ދުޢާ އިޖާބަކޮށްދެއްވައެވެ.” ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަވަސްވެގަތުމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އޭނާ ބުނެއެވެ. ތިމަން ދުޢާކޮށްފީމެވެ. އަދި ތިމަން ދުޢާކޮށްފީމެވެ. އެހެނަސް، އިޖާބަދެއްވާ ތަނެއް ތިމަންނާއަކަށް ނުފެނެއެވެ. ފަހެ، އެ ހިސާބުން އޭނާއަށް ދުޢާކުރުން ބުރަކަމަކަށްވެއެވެ. އަދި ދުޢާކުރުން ހުއްޓައިލައެވެ.” ދުޢާ އިޖާބަވުމުން އަޅާ މަޙްރޫމުވާ އިތުރު ކަންކަމުގެ ތެރޭގައި ޙަރާމްތަކެތި ކެއުމާއި ޙާރާމްތަކެތި ބުއިމާއި ޙާރާމް އަންނައުނު ލުން ހިމެނެއެވެ. މިއިން ކޮންމެ އެއްޗެއް ވެސް ހުއްދަނޫން ގޮތުގައި ހޯދައިފައިވާ ނަމަ އެ ވާނީ ޙަރާމް އެއްޗަކަށެވެ.
އަޅާގެ ދުޢާ މާތް ﷲ ތިން ގޮތަކަށް އިޖާބަކޮށްދެއްވައެވެ. ފުރަތަމައީ އޭނާ އެދުނު ކަމެއް އެދޭގޮތަށް ހިންމަވައިދެއްވުމެވެ. ދެވަނައީ އާޚިރަތަށް އޭނާގެ ދުޢާ ރައްކައުކޮށްދެއްވުމެވެ. ތިންވަނައީ އޭނާއަށް ކުރިމަތިވެދާނެ ދެރައަކުން އޭނާ ސަލާމަތްކޮށްދެއްވުމެވެ. މި ތިން ގޮތުގެ ތެރެއިން އަޅާއަށް އެންމެ ހެޔޮކަން ބޮޑީ ކޮން ގޮތެއް ކަން މޮޅަށް ދެނެވޮޑިގެންވަނީ އަޅާ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ޔަޤީން ކުރަންވީ އަޅާ ކުރާ އެންމެ ދުޢާއެއް ވެސް އޭނާއަށް ގެއްލިގެން ނުދާނެކަމެވެ.
ދުޢާ އިޖާބަވުން ބޮޑަށް އެދެވިގެންވާ ވަގުތުތައް ވަރަށް ގިނައެވެ. ރޭގަނޑުގެ ފަހުދަމާއި ބަންގިއާ ގަމަތާ ދެމެދާއި ސަޖިދައިގެ ވަގުތުގައްޔާއި ރޯދައަށް ހުންނައިރުއެވެ. ޚާއްޞަކޮށް ރޯދަވެރިޔާގެ ހުރިހައި ވަގުތަކީ ވެސް ދުޢާގެ ވަގުތެވެ. ގިނަގިނައިން ދަންނަވާށެވެ. ދެއްވާނެކަން ޔަޤީނެވެ.
ދީނުގެމަގު / الشَّيْخ عِمَاد يُوْسُف

