ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތު ކޮށްދެއްވަމުންދަނީ މީ އެކަކު ދެމީހެއްގެ ގައުމެއް ނޫންކަން ކަމަށާއި އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިިއްޒު ނިންމެވުމާ ގުޅިގެންނެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ވީދެމުންދާ އިޖުތިމާއީ ފޭރާން ހެޔޮކޮށް، ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދިވެހީންނަށް ދިވެހީންގެ ރާއްޖެ އަނބުރާ ހޯއްދަވައިދެއްވުގެ ބުރަ އުނދަގޫ މަސައްކަތްޕުޅު، އެމަނިކުފާނުގެ ޒައާމަތުގެ އެންމެފުރަތަމަ ދުވަހުވެސް ވަނީ ފަށްޓަވާފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި މުޖުތަމައު ތެރޭގައި މޫލާފައިހުރި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަން މިއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށާއި، ނަމަވެސް ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިން ކަމަށެވެ. އެއާ ޚިލާފަށް ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން މިއަދު މި ފެންނަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށްވެސް ނުފެންނަ ކަންކަމޭ ދެންނެވިޔަސް ކުށަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ނިންމަވަނީ ފަސޭހަފުޅު ނިންމެވުންތަކެއްނޫން ކަމަަށާއި، ސިޔާސީ ގޮތުން އެ ނިންމެވުންތައް މަގުބޫލު ނިންމެވުންތަކެއް ކަމަށް ގަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅެއް ވެސް ނެތް ކަމަށެވެ. އަދި ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެ ވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެއް ކަމަށާއި، ނަމަވެސް ރައީސް މިއަދު އެ ސާބިތުކޮށްދެއްވަނީ މީ އެކަކު ދެމީހެއްގެ ގައުމެއް ނޫންކަމާއި، އެމަނިކުފާނު އެ ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން ކަމަށެވެ.
އެމަނިކުފާނު އެކުރައްވާ މަސައްކަތްޕުޅަކީ އަންނަންއޮތް ޖީލުތަކަށް މި ގައުމު ސަލާމަތްކޮށްދެއްވުމުގެ މުހިއްމު ބުރަ މަސައްކަތްޕުޅެވެ. އަޅުގަނޑުމެން ބަލަންވީ މިކަންކަމުގައި އަޅުގަނޑުމެން ދިރިތިބީންނަށް އެމަނިކުފާނަށް ކޮށްދެވޭނީ ކޮންކަމެއްތޯއެވެ. މާދަމާ މިފަސްގަނޑުގައި ދިރިއުޅެން ތިބޭނީ ހަމަ އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނެވެ. އަޅުގަނޑުމެންގެ ދަރިފަސްކޮޅެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމަވާފައިވާއިރު، އޭގެތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން ހިމެނެއެވެ. އަދި މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން ހިމެނެއެވެ.
މީގެއިތުރުން އެމަނިކުފާނުގެ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ހަމަޖައްސަން ރައީސް ވަނީ ނިންމަވާފައެވެ.

