އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ގއ.ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައެއް މި މަހުގެ ރޭ 20:13 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ކާޑު ނެގިކަމަށް ތުހުމަތުކުރެވޭ މީހުން ގއ.މާމެންދޫން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން އެ މީހުން ހުއްޓުވައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރީ ގއ.ވިލިނގިލި، ލައިފް، މުޙައްމަދު ޝައިން ޝަމީޒް (22 އ) އަދި ލ.ގަން/ތުނޑި، ހަމްދޫން ޚަލީލް (24 އ) ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށް، އެ މީހުން ދަތުރުކުރި ލޯންޗް ބަލައި ފާސްކުރިއިރު، ކޭޝްކާޑު ބޭނުންކޮށްގެން އެ މީހުން ވަގަށް ނެގިކަމަށް ބެލެވޭ 25,000 ރުފިޔާގެ ތެރެއިން 23,000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

