ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ތިން ވަޒީރުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވީ ސެޕްޓެމްބަރު 30 ގައެވެ.
އެގޮތުން އެ ދުވަހު ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބްދުﷲ ނާޡިމް އިބްރާހީމް އައްޔަންކުރައްވާފައެވެ.
މި ތިން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކުރުމަށްފަހު ކޮމިޓީގެ އިއްތިފާގުން ވަނީ ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
މިއީ ރައީސް ޑރ. މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވި ފުރަތަމަ ފަހަރެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑރ. ޚަލީލް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައެވެ. އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

