ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 މެންބަރުން މިއަދު އައްޔަންކުރައްވައިފިއެވެ.
ޖުމްލަ 5 މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އިސްމާޢީލް ސާޖިދު ފިޔަވައި ދެން ތިއްބެވި 4 މެންބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމުން، އެ ބޭފުޅުން މަގާމުން ވަކިކުރެއްވީ މިދިޔަ އޮގަސްޓުމަހުގައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް ހުޅުވައިލުމުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އޭގެތެރެއިން 4 ބޭފުޅަކަށް ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ 4 ބޭފުޅުން އައްޔަންކުރައްވާފައިވާ ކަމަށެވެ.
އެ ހަތަރު ބޭފުޅުންނަކީ ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު، އިބްރާހީމް ޝަރީފް، ގ. އަލިޝާ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ އަދި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް އެވެ.

