ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްޕޭމް މެސެޖުތަކާއި ލިންކުތަކަށް ސަމާލުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމަާސްކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ގެދޮރުވެރިޔާ ސްކީމްގެ އެޕްލިކޭޝަން ފޯމާއި ބެހޭ އެއްވެސް ލިންކެެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށާއި، މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ކުރާ ހުރިހާ އިއުލާނެއް ވެސް އާއްމު ކުރާނީ އެ ކޯޕަރޭޝަނުގެ ވެބްސައިޓު މެދުވެރިކޮށް ކަމަށް އެޗްޑީސީއިން ބުންޏެވެ.
ފުލުހުން ވެސް ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް އަދިވެސް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށާއި، އެފަދަ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރާ ކަމަށެވެ.
ދައުރުވަމުންދާ ލިންކަކީ “ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީއިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެން ހުންނާނެ” ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެކެވެ.
ސޯޝަލް މީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv އަށް އަންގައިދިނުމަށާއި، ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެނަމަ، އެ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރުމަށާއި، ސްކޭމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

