ކ. ހިންމަފުށީގައި ހުންނަ އައްސޭރިޖަލުގައި ގައިދީންގެ މަސައްކަތުން ބިނާކުރި މިސްކިތް، މަސްޖިދުލް ޔޫސުފް، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ދާހިލީ ސަލާމަތާއި ފަންނިޔަތާބެހޭ ވަޒީރު އަލީ އިހުސާނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 17 އޮކްޓޯބަރު 2023 ގައެވެ. ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިސްކިތުގެ ތަރަހައިން ފެށިގެން ކުރި ބޯއްޓާ ހަމައަށް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އޮފިސަރުންގެ އިރުޝާދާއެކު ގައިދީންގެ މަސައްކަތުންނެވެ.
މި މަޝްރޫޢަށް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭތެރޭގައި މަސައްކަތަށް ބޭނުންވާ މެޓީރިއަލްގެ 70 އިންސައްތަ ފޯރުކޮށްދީފައިވަނީ ލިއޯ ޓްރޭޑިންގ އިންނެވެ. މީގެ އިތުރުން، މޭނާ އާއި އަރީނާގެ އެހީތެރިކަމާއެކު، ޖަލު އޮފިސަރުންވެސް ވަނީ މި މަސައްކަތަށް ދީލަތި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި މިސްކިތަކީ އައްސޭރިޖަލުގައި މުޅިން އަލަށް ގާއިމު ކުރެވުނު މިސްކިތެކެވެ. މިއީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ފެށުނު މަސައްކަތެއްގެ ނަތީޖާއެވެ.

