ގއ.ވިލިނގިލީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ވިލިނގިލީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. އަދި ބިޑް ހުށަހެޅުމަށް ދީފައިވާ ފަހު ތާރީޚަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.
އިއުލާނުގައިވާ ގޮތުން ބިޑާ ގުޅޭ ފޯމްތަކާއި އަދި އެހެނިހެން ލިޔުންތައް ހުށަހަޅާންވާނީ ކައުންސިލް އިދާރާގެ ރިސެޕްޝަން ނުވަތަ އިދާރާގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.
ކައުންސިލުން ބުނީ ބިޑާ ގުޅޭ މައުލޫމަތް ފޯރުކޮށްދިނުމާއި އަދި ބިޑް ޑޮކިއުމަންޓް ހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

