އެތައް ބާވަތެއްގެ ކުރައްޕެއް ދުނިޔޭގައި އުޅެއެވެ. ކުރަފީގެ ބާވަތްތަކުގެ ތެރޭގަ ދުނިޔޭގަ 4000 ވުރެ ގިނަ ކުރަފި އުޅެއެވެ. ކުރަޕެއް ހެދި ބޮޑުވެ އުދުހިއުޅެން ތިން ހަތަރު މަހެއްހާ ދުވަސް ނަގާއިރު، ކުރަފީގެ އުމުރަކީ އާންމުގޮތެއްގައި އެއް އަހަރެވެ. އަންހެން ކުރަފި އޭތީގެ އުމުރުގައި 200 އާއި 300 އާ ދެމެދުގެ އަދަދަކަށް ދަރިން ހޯދައެވެ. ކުރަފީގެ ޖެނެރޭޝަން 6 އަކަށް ދެމިގެންދެއެވެ.

ގޭތެރޭގަ ކުރަފި ގިނަވުމަކީ ގޭތެރޭގަ ސާފްތާހިރުކަން ގެއްލޭ ކަމެކެވެ. އެއްވެސް ސަބަބަކާ ނުލާވެސް ގޭތެރޭގަ ކުރަފި ގިނަވާފަހަރު އާދެއެވެ. ނަމަވެސް ގިނަފަހަރަށް ކުރަފި ގިނަވަނީ ބަދިގެ ތެރޭގަ ބަހައްޓާފައި ހުންނަ ކާތަކެތެއްޗާއި ގުދަން ބޭނުންކުރެވޭ ގޮތަކުންނެވެ.
މިސާލަކަށް ފިޔާފަދަ ތަކެތި ބަހައްޓާފައި ހުންނަ ތަންތަންވެސް ރަނގަޅަށް ސާފްނުކުރެވުމުމާއި، ސިންކްގެ ތިރީގައިވެސް ފެންހަރުލުން ފަދަ ކަންތައްވުމުން ކުރަފި އެފަދަ ތަންތަނުގައި ގިނަވެއެވެ. ކުރައްޕަކީ ވަރަށް ގިނަބަޔަކު ބިރުގަންނަ އެއްޗެކެވެ. އަދި ވަރަށް ފަކުރުވެސް ގަންނަ އެއްޗެކެވެ. ކުރަފީގެ ބާވަތްތަކުގެ ތެރޭގައި ވަރަށް ވަސްނުބައި ކުރަފިވެސް ހުރެއެވެ. މީގެ ކުރައްޕެއް ގައިގައި ޖެހިއްޖެނަމަ ދުވަސް އެއްކޮށް ޙަރާބް ކޮށްލައެވެ.
ބިޒީކޮށް މަސައްކަތް ކުރުމަށްފަހު ގެއަށް އަންނަ އިރު މިގޮތަށް ގޭތެރޭގެ އެކިތަންތަނުގައި ކުރަފި ގިނަވެފައި ހުންނަތަންފެނުމުން ބައެއްފަހަރު ވަރަށް ރުޅިގަދަވެއެވެ. އަދި އެތަކެތި ހުސްކުރަން ސައިޓެކްސްފަދަ ސްޕްރޭއެއް ހޯދަން މަޖުބޫރުވެއެވެ. އަދި ސްޕްރޭ ފުރަތަމަ ޖަހާލުން ގަޔާ ދިމާލަށްވެސް ކުރަފި ބައެއްފަހަރު އާދެއެވެ. ކުރަފި ދެކެ ބިރުގަންނަ އަދި ކުރަފި ދެކެ ފަކުރުގަންނަ ފަރާތްތަކަށް މިއޮތީ ވަރަށް ރަނގަޅު ހައްލެކެވެ. ފަތިސްތަރިން މި ކިޔައިދެނީ ކުރަފި ގޭތެރެއިން މަދުކުރެވޭނެ ގޮތެކެވެ.
ދަތް އުނގުޅަން ގެންގުޅޭ ބޭހުން ގޭގައި ހުންނަ ކުރަފި އަދި އެފަދަ ދިރޭ ކުދިކުދި ދޫނިތައް ނައްތާލެވިދާނެއެވެ.

ބޭނުންވާ ތަކެތި:
3 މޭޒުމަތީ ސަމުސާ ހަކުރު
4 މޭޒުމަތީ ސަމުސާ ފުށް
3 މޭޒުމަތީ ސަމުސާ ޓޫތުޕޭސްޓް
3 މޭޒުމަތީ ސަމުސާ ފެން
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރަށް ނުވަތަ ހެޔޮވަރު ތައްޓަކަށް ހަކުރު، ފުށް، ދަތް އުގުޅާ ބޭސް (ޓޫތުޕޭސްޓް) އާއެކު ފެންކޮޅެއްލުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކުރެވެންދެން މިކްސް ކޮށްލަންވާނެއެވެ. އެއަށްފަހު ކުޑަ ބޯޅަތަކެއްހެން ގުޅަ ހަދާލާށެވެ.
ގޭގެތެރޭގައި ގިނައިން ކުރަފި ހުންނަ ތަންތަނުގައި ބޯޅަތައް ބަހައްޓާށެވެ. ބަދިގެއާއި ކާ ގޭގައި ސާމާނުތައް ހުންނަ ދިމާލުގައި ހާއްސަކޮށް ކުރަފި ގިނަވާތަންތަނުގައި ބަހައްޓާށެވެ.
މިއީ ގޭގައި ތިބޭ ދިރޭ މިފަދަ ސޫފިތައް ނައްތާލަން ވަރަށް ފަސޭހަ ގޮތެކެވެ. ޤަވާއިދުން މިކަން ތަކުރާރު ކުރަން ވާނެއެވެ. ހަފްތާއަކު ދެތިން ފަހަރު ވެސް މިކަން ކުރަންވާނެއެވެ. އޭރުން ދިރޭ މިފަދަ ސޫފިތައް މަދު ކުރެވޭނެއެވެ.

