ކާފަ ބުނެ އުޅެއެވެ. އިރު އޮއްސޭ ދަޅަ މައްޗަކީ ނާމާން ވަގުތެކެވެ. އެގަނޑިއަށް ބޭރަށް ނުކުތުން ރައްކާތެރިއެއް ނޫނެވެ. ކޮންމެސް ކޮންމެސް ގޮނޑުދޮށުގައި ޖައްސަ ޖައްސާ ތިންދުވަހު އެ ވަގުތު ގައި ނުހުންނާށެވެ. އަހަރެން މީ މަސްބާނަން ދާ ހިތްވާ މީހެކެވެ. ވަގުތެއް ވެއްޖިއްޔާ ގޮނޑުދޮށަށް މަސްބާނަން ދިއުމަކީ އާދައެކެވެ. އެއްދުވަހަކު އިރު އޮއްސޭ ދަޅަ މައްޗަށް އަހަރެން މަސްބާނަން ދިޔައީމެވެ. އެދުވަހު ވަރަށް ރަގަނޅަށް މަސް ބޭނުނެވެ. ދެވަނަ ދުވަހުވެސް އެހާމެ މަސްވެރިކަން ރަގަނޅެވެ.
އެހެންކަމުން ތިންވަނަ ދުވަހު ވެސް އިރުއޮއްސޭ ގަޑިއަށް މަސްބާނަން ދިއުމަށް އަހަރެން ތައްޔާރުވަމުން ދިޔައީމެވެ. ކާފަ އޭނާގެ ބުނުން ހަނދާންކޮށްދިނެވެ. ތިންވަނަ ދުވަހު ނުދިއުމަށް އާދޭސް ކުރިއެވެ. އަހަރެން ސުވާލުގެ ނަޒަރަކުން ކާފައާއި ދިމާ ބަލާލީމެވެ. ކާފަގެ ނަސޭހަތެއް އަހަންޏާއި މިއަދު ގޮނޑުދޮށަށް ނުގޮސް މަޑުކޮށްލުމަށް ކާފަ އެނދުނެވެ. ކާފަ ގެ އެނދުން އަހަންނަކަށް މުހިއްމެއް ނުވިއެވެ. ދަޅަމައްޗާއި ދިމާވާ ގޮތަށް މަސްބާނަން ނުދިއުމަށް އާދޭސްކޮށް އެނދުނު އެނދުމެއް އެއްޗަކަށް ނުވިއެވެ. މަސްވެރިކަން ވެސް އެގަޑީގައި ވަރަށް ރަގަނޅެވެ. ކުރީ ދެދުވަހު ވެސް ވަރަށް ގިނައިން މަސް ބޭނުނީތީއެވެ. އެހެންކަމުން އެކަން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކާފަ ތަކުރާރު ކޮށްލިއެވެ. ދަރިފުޅާއެވެ. ޖައްސަ ޖައްސާ ތިންދުވަސް ވަންދެން ދަޅަ މައްޗަށް ތިޔަހެން ގޮނޑުދޮށަށް ނުދާށެވެ. އެއީ ރައްކާތެރި ކަމެއް ނޫނެވެ.
ކާފަގެ ނަސޭހަތަށް އިޖާބަ ނުދީ އަހަރެން ތިންވަނަ ދުވަހުވެސް މަސްބާނަން ދިޔައީމެވެ. މަސްބޭނުމުގައި މަސްއޫލުވެގެން ހުއްޓައި އިރު އޮއްސުނެވެ. އެއީ ހިތްގައިމު މަންޒަރެކެވެ. އެ ވަގުތު ކޮޅަކީ އުފާވެރި ވަގުތު ކޮޅެކެވެ. ޖައްވަށް އެކި ކުލަވަރު އަރައި ފައިބަމުން ދިޔައެވެ. މަޑުމަޑުން ތަނަށް އަދިރިކަން ވެރިވާން ފެށިއެވެ. އަހަންނަށް މުހިއްމުވީ އެ މަންޒަރެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ މަސްބޭނުމުގައި މަސްއޫލުވެގެންނެވެ. އޭރު ވަރަށް ގިނަ މަސް ބޭނިފައި ހުއްޓެވެ. އެކަމަކު އަހަރެން ގެއަށް ދާހިތެއް ނުވިއެވެ. ދޮށި އެއްލާ ކޮންގެ ފަހަރުކު ވެސް މަހެއް ބުޅީގައި ހިފާލާ ކަމުގެ އިހްސާސް ވާތީއެވެ. އެކަމަކު ފަހުން ފަހުން މަހެއް އެއްގަމަށް ގެނެވޭގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން ގެއަށް ދާން ތައްޔާރުވާން ފެށީމެވެ. މަސްތައް ފައްޗަކަށް އަމުނާލަމުން އެއްގަމަށް އެރުމަށް ހިނގައި ގަތީމެވެ.
ކުއްލިއަކަށް އިވެނީ ކުކުޅެއް ގޮވާ އަޑެވެ. މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ހިނގަމުން ދިޔައީމެވެ. އަހަންނާއި އެއްވަރަށް އޭތި ގޮވަމުން އެއްގަމަށް އަރައިގެން އަންނަ ކަމުގެ އިހްސާސް ކުރެވުނެވެ. އެހެން ކަމުން އަހަރެން ހިނގުން ހުއްޓާލީމެވެ. އެއަށްފަހު އެއަޑު އިވޭތޯ އިރުކޮޅަކު މަޑުކޮށްލައިގެން ހުރީމެވެ. އަހަރެން ހުއްޓުމާއެކު އެ އަޑުވެސް ކެނޑުނެވެ. ކުޑަ އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން ހިނގައި ގަތީމެވެ. ހަމަ ހިނގައި ގަތުމާއިއެކު އެ ކުކުޅުގެ އަޑު އިވުނެވެ. އަހަންނާއި އެއްވަރަކަށް އެއްގަމަށް އަރައިގެން އަންނަކަށް ޔަގީން ކުރެވުނެވެ. އެހެންކަމުން އެއަޑު އަންނަ ދިމާ ވިސްނާލުމަށް ފަހު އެދިމާއަށް އަހަރެން ހިނގައި ގަތީމެވެ. އެކަމަކު އެ އަޑާ ގާތަކަށް އަހަންނަކަށް ނުދެވެއެވެ. އެ ކުކުޅު ގޮވާ އަޑު އިވެނީ މާދުރަކުން ނޫނެވެ. އެހެނަސް ކުކުޅެއް އަހަންނަކަށް ނުފެނެވެ. އަދި އެއަޑު އަންނަ ދިމާއަށް އަހަރެން ހިނގާވަރަކަށް އެ އަޑު ހީވަނީ އެއްވަރެއްގައި ދުރަށް ހިނގާހެން ހީވެއެވެ.
އަހަރެން ބިރުގަންނަން ފެށީ ދެނެވެ. ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ޖިންނި ފަދަ މަޚްލޫގުން އުޅޭކަން އަހަރެންވެސް ގަބޫލު ކުރަމެވެ. އެކިއެކި ޒާތުގެ ހަންޑިތަކާއި އަވެއްޓެހި ކުދިންގެ ވާހަކަ ކާފަ ކިޔާތީ އަޑު އިވެއެވެ. އެއިން އެއްޗެއް އަވަލަވައިފިނަމަ ފަސޭހައިނ އެމީހެއްގެ ކައިރިން ނުނައްޓާނެއޭ ކާފަ ބުނެއެވެ. އެކިއެކި ވަސްވާސްތަށް ހިތަށް ވަންނަން ފެށިއެވެ. އެކަނި މާއެކަނި ހުރެވުމުންނެވެ. މީހެއްގެ ހިލަމެއް ނެތް ހިސާބެއް ކަމުންނެވެ. ރަށުގައި މީހުން އުޅޭ ހިސާބާއި ދުރުގައި ހުރެވުމުންނެވެ. ބިރުގަތުމުގެ ސަބަބުންނާއި ހިތުގެ ވިންދު އަވަސްވީ ވަރުން ހެޔޮ އެއްޗެއް ކިޔަންވެސް ހަނދާން ނެތުނެވެ. ހިތަށް ވެރިވަނީ ހައްތާވެސް ބިރުވެރިކަމެވެ. ގަސްތައް ވަޔާ ހެލިލުމާއެކު އެ އިވޭ އަޑަށް ވެސް އަހަރެން ސިހެއެވެ. ހިތުގެ ހިނގުން އަވަސް ވީވަރުން ހިތް ހީވަނީ ބޭރަށް ނުކުމެދާނެ ހެންނެވެ.
ކާފަ ބުނާ ވާހަކައެއް އަހަންނަށް ހަނދާނަށް އައެވެ. ގޮތް ނޭނގޭ އެއްޗެއް ފަހަތު އަޅުވާލައިފިހެން ހީވާނަމަ ގެއަށް ނާންނާށެވެ. އޭރަށް ނުރައްކާ ބޮޑުވެދާނެއެވެ. އެކަހަލަ ކަމެއް ދިމާވިއަސް ބިރުގަންނަ ކަމަށް ނުހެދޭށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އަހަރެން ހުރީ އިންތިހާއަށް ބިރު ގެންފައެވެ. ޖެހިލުން ވެފައެވެ. ކިތަންމެ ނޫންކަމަށް ހެދިޔަސް ބިރުން އަހަރެންގެ މޭގަނޑު ހީވަނީ އަނގައަށް އައިސްދާނެ ހެންނެވެ. މީހާގެ ގައިގާ ފާޑެއްގެ ތުރުތުރެއް ހުރިހެންވެސް ހީވެއެވެ. ކޮންމެ ގޮތެއް ވިއަސް ވަރިހަމަކަމަށް ދެކެމުން ކާފަ ބުނިހެން ގެއަށް ނުގޮސް މަޑުކޮށްލުމަށް އަހަރެން ނިންމީމެވެ.
މަގުގެ އެއްކައިރީގައި ހުރި ހޮޅުއަށި އަހަރެން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ގޮސް އަހަރެން ހޮޅުއަށީގައި އިށީދެލީމެވެ. އަހަރެން އިށީދެލުމާއެކު އެ އަޑު ކެނޑުނެވެ. ދެން އެއަޑެއް ނީވެއެވެ. ވަރަށް ގިނަ އިރު އަހަރެން ހޮޅުއަށީގައި އޮށޯވެގެން އޮތީމެވެ. ނަމަވެސް ހޮޅުއަށީގައި އޮށޯތް ފަހުން އެއަޑު މުޅިން ކެނޑުނެވެ. މަގު އަމާންވީ ކަމަށް އަހަރެން ނިންމީމެވެ. އެހެންކަމުން އަނެއްކާވެސް ރަށުތެރެއަށް ދިއުމަށް ހިނގައި ގަތީމެވެ.
އަހަންނަށް ހިނގުނީ ތަންކޮޅަކަށެވެ. އެ އަޑު އިވެން ފެށިއެވެ. އެ އަޑު ފަހަތުން އަންނަ ހެން އަހަންނަށް ހީވެއެވެ. ބިރުން ފަހަތެއް ނުބަލަމެވެ. އޭގެ ބަދަލުގައި އަހަރެންގެ ހިނގުން އަވަސްކޮށްލީމެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ހިނގަމުން ދިޔައީމެވެ. އަހަރެން ކިތަންމެ ހަލުވިކޮށް ހިނގި ނަމަވެސް އެ އަޑު އަހަންނަކާއި ދުރެއް ނުވެއެވެ. އެހެންކަމުން ކުޑަތަންކޮޅަކަށް ގޮސްފައި އަހަރެން ދުއްވައިގަތީމެވެ. އެ ކުކުޅުވެސް އެއްވާނެއްގައި ގޮވަމުން އަންނަކަން އެނގެއެވެ. ކުކުޅެއް ކަމަށް އަހަރެން ނިންމީ އޭގެ ގޮވުމުގެ އަޑުންނެވެ. އެ އެއްޗެއް އަހަންނަކަށް ނުފެނެއެވެ. ހިތަށް އެރިއެވެ. ގެއަށް ނުގޮސް ވެސް ނުހުރެވޭނެ ނޫން ހެއްޔެވެ. އަހަރެން ލަފާކުރާ ގޮތުން އޭރު ގައިމުވެސް އިޝާވަގުތުވެސް ވެދާނެއެވެ.
އަހަރެން ގެއަށް އައި އިރު ކާފަ ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. އަހަރެން ލަސްވެގެންނެވެ. ގެއަށް އާދެވުނު އިރު އަހަންނަށް މާނޭވާ ލެވެއެވެ. ގެއަށް ވެދެވުމާއެކު އެއްކަލަ އަޑު އިވުންވެސް ހުއްޓުނެވެ. އަހަރެން ހުރިގޮތް ފެނިފައި ކާފަ ވަރުވަރުން ސުވާލު ކުރިއެވެ. އަހަރެން ބިރު ގެންފާއި ހުރިހެން ހީވެގެންނެވެ. އަހަރެން ކާފައަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ކާފަ ބުންޏެވެ. ކަލޯ ތިކުރީ ވަރަށް ދެރަކަމެކެވެ. އޭތި ރަށަށް ތިޔަ އެރުވީއެވެ. ކަލެއާއި އޭތި އެވަނީ އަވަލާފައެވެ. އަނެއްކޮޅުން ރަށުތެރެއިން ތި ސޮރެއް ބޭރުކުރުމަކީވެސް އުނދަގޫކަމަކަށް ވާނެއެވެ. ފެންތައްޓަކަށް ކިޔަވާފައި ކާފަ އަހަންނަށް ދިނެވެ. އެދުނީ ބޯލުމަށެވެ. ކާފަ އެދުނު ފަދައިން އަހަރެން ފެން ފޮދު ބޯލީމެވެ. ދެން ކާފަ އަޅުވައިދިނީ ތަވީދެކެވެ. އެއްގޮތަކަށް ވެސް ތަވީދު ނުނެގުމަށް ކާފަ އެދުނެވެ.
ކާފައަކީ ކޮންމެވެސް ވަރަކަށް ފަންޑިތަވެރިކަން ދަންނަ މީހެކެވެ. ރަށުގައި މީހުން ނިދާ ހާއިރު ކޮށްފައި ކާފަ ބޭރަށް ނުކުތެވެ. އެތަން ބަލަން ނުނިދިފައި އަހަރެން އޮތީމެވެ. އެކަމަކު ބޭރަށް ނުކުންނާކަށް އަހަންނަކަށް ނުކެރުނެވެ. ކާފަ އަންނަންދެން ނުނިދިފައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އަހަރެން އޮތީއެވެ. ކާފަ ގެއަށް އައީ ފަތިސްނަމާދު ބަންގި ގޮވަނިކޮށެވެ. ކާފަ ގެއަށް ވަނުމުން އަހަރެން ވަރުވަރުން ކާފައާއި ސުވާލުކުރީމެވެ. ކާފަބުނީ ވަރަށް ވަރުން އެ ސޮރު ރަށުން ބޭރުކޮށްފިކަމަށެވެ. ނުދާން ގަދަހެދި ކަމަށެވެ. ކާފަމެން ބުނާ ބަސް ގަބޫލު ކުރުމަށެވެ.
އެ ހާދިސާ ދިމާވަންދެން އަހަރެންވެސް ކާފަ ދައްކާ ވާހަކަ އެއް ގަބޫލެއް ނުކުރަމެވެ. އެއީ އޭރުގެ މީހުން ދައްކާ ބޯދާ ޚުރާފީ ވާހަކަ ކަމަށް ބުނަމެވެ، އެކަމަކު މިއަދު އެކަން އަހަންނަށް ދިމާވުމުން އަހަންނަށް ވެސް ގަބޫލު ކުރެވެއެވެ. އޭނގެ ފަހުން ދަޅަމަތި ވީ އަހަންނަށް ނުތަނަވަސްކަން ގެނުވާ ވަގުތަކަށެވެ.
-ނިމުނީ-

