ޔަހޫދީ އިޒްރާއީލުން އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އީރާނުން ތައްޔާރުވާން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ނުހިންގުމަށް އީރާނުގެ ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި މަހުގެ ކުރީކޮޅު އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހަމަލާއެއް ދީފިނަމަ އީރާނު އޮތީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ.
އެގޮތުން އީރާނުން ވަނީ ހަނގުރާމައަށް ތައްޔާރުވެ ތިބުމަށް އެގައުމުގެ ސިފައިންނަށް އަންގާފައި ކަމަށާއި، ނަމަވެސް ހަނގުރާމައަކަށް ނުގޮސް ސަލާމަތް ވުމަށް މަސައްކަތް ކުރުމަށްވެސް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ދެމެންބަރަކާއި އީރާނުގެ ކަމާބެހޭ ދެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ބަދަލު ހިފުމުގެ ފުރުސަތު އޮތީ އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ ސީރިއަސްކަމުގެ މައްޗަށް ބަރޯސާވެފައި ކަމަށެވެ.
އެގޮތުން އިޒްރޭލުން ދޭ ހަމަލާއެއްގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއްވެ، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެއްޖެ އީރާނުން ރައްދު ދޭނެ ކަމަށާއި، ނަމަވެސް އިޒްރޭލުގެ ހަމަލާތައް ހަމައެކަނި އީރާނުގެ އަސްކަރީ ތަންތަނާއި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަނަަށް އަމާޒުކޮށްފިނަމަ އީރާނުން އޭގެ ބަދަލުގައި ހަމަލާއެއް ނުދިނުން އެކަށީގެންވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މިމަހުގެ ކުރީކޮޅު އީރާނުން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން އިޒްރޭލުން ވަނީ ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

