މާލޭގައި ދެ މީހަކުވެގެން ގަދަކަމުން ބިދޭސީއަކު ގެއަކަށް ވައްދައި، އަތްފައި ބަނދެ، ބަރަހަނާކޮށް، ކަރުގައި ވަޅިޖެއްސުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިއްޖެއެވެ.
ފުލުހުން ބުނީ ދެ މީހަކު ވެގެން ބިދޭސީ ފިރިހެނަކު މއ.ރަޝްމާވިލާއަށް ވައްދައި ފައިސާ ފޭރުމަށްފަހު ދެ މީހުން ފިލަން ދިޔަ ކަމަށާއި، ފޭރިގެންފައިވަނީ ޖީބުގައި އޮތް ވޮލެޓެއް ކަމަށާއި، އެ ވޮލެޓުގައި 10,600 ރުފިޔާގެ އިތުރުން ކޭޝްކާޑާއި އިތުރު ޑޮކިއުމަންޓްސް ވެސް ހުރި ކަމަށެވެ.
ފޭރުނު ދެ މީހުން ހޯދަމުން ދަނިކޮށް ސަހަރާ މަގު/ދިރޭ ތުނޑި ފިހާރަ ކައިރިން އޭގެތެރެއިން އެކަކު ފެނިގެން ހުއްޓުވައި އޭނާ ފާސްކުރިއިރު 820 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާއަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 23 ގައި ކްރިމިނަލް ކޯޓަށް ހާޒިރުުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

