ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރައްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހްގެ މުސާރައިން %10 އުނިކުރަން ނިންމެވިކަން ހާމަކުރައްވައިފިއެވެ.
ފަލާހް މިކަން ހާމަކުރެއްވީ ރޭގެވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހް ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ނޮވެމްބަރު އެއްވަނަ ދުވަހުގެ ދުވަހުން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް އޭނާގެ މުސާރައިން %10 އުނިކުރަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ.
އެ ފިޔަވަޅުތަކުގެތެރޭގައި ހިމެނެނީ:
- ސިޔާސީ މަގާތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތް ގޮތުން ލިބޭ)
- މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
- ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ހަމަޖައްސަން ދެންނެވުން.
ރައީސްގެ ނިންމެވުންތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވެސް ވަނީ އޭނާގެ މުސާރައިން %50 ނުނަަންގަވާ ގޮތަށް ނިންމަވައިފައެވެ.

