ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ 16 ވަނަ ކޮންފަރެންސް އޮފް ދަ ޕާރޓީސްގައި ބައިވެރިވެވަޑައިގަތުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ކޮލަމްބިއާއަށް ފުރާވަޑައިގެންފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ރޭ ބުނީ ކޮލޮމްބިއާގެ ކަލީ ސިޓީގައި އޮކްޓޫބަރު 21 އިން ނޮވެމްބަރު 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި މުއާހަދާއަކީ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމެކެވެ.
މި ބައްދަލުވުމުގައި މުއާހަދާ ތަންފީޒުކުރަމުންދާ ގޮތް ރިވިއުކޮށް، ބައިނަލްއަގުވާމީ ގޮތުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2022 ވަނަ އަހަރު އެކުލަވާލި ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކް ރިވިއުކޮށް، މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުގެ ނޭޝަނަލް ބަޔޯޑައިވާރސިޓީ ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި މި ފްރޭމްވާރކްއާ ގުޅުވާލުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކުރުމާއި، މި މަސައްކަތަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޑިޖިޓަލް ސީކުއެންސް އިންފޯމޭޝަނުން ލިބޭ ނަފާ ހަމަހަމަ ގޮތެއްގައި ބެހުމަށް އެކުލަވާލާ މަލްޓިލެޓަރަލް ނިޒާމު ނިންމައި، އޭގެ ތަންފީޒު ފެށުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ކުރާނެ މަސައްކަތްތަކުގެ މަގުޗާޓު އެކުލަވާލުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

