މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު، ޓޫރިޒަމް މިިނިސްޓްރީން ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތަންތަނާއި ފަންނުވެރިންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2022 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ދޭން ފެށި ގައުމީ އިނާމެކެވެ.
މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުފަހަރާއި ޓްރެވަލް އެޖެންސީތަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މިނިސްޓްރީން ވަނީ 5 ކެޓަގަރީއަކުން 23 އެވޯޑެއް ދިނުމަށް ނިންމައިފައެވެ.
އެވޯޑަށް ކުރިމަތިލާން ޖެހޭނީ އޮންލައިންކޮށެވެ. އެވޯޑު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 01 އިން މިދިޔަ މެއިމަހުގެ 31 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ 14:00 އެވެ.

