ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި 65 އަހަރުގެ ދިވެހި ފިރިހެން މީހާ އިތުރު 15 ދުވަހުގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހު 16 ވަނަ ދުވަހު ސްރީލަންކަން އެއާލައިންްސްއިން ރާއްޖެ އައި، އައްޑޫ ސިޓީ ހިތަދޫ ވެހެތާނުގެ، ޢަބްދުﷲ ޞާދިޤެވެ.
އޭނާގެ ލަގެޖުން 349 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާ ފުރަތަމަ ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވުމާއެކު ބަންދަށް 20 ދުވަސް އިތުރުކުރިއެވެ.
އޭގެފަހުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތަހުގީގުގައި އޭނާއާ ސުވާލު ކުރުމުން ޖަވާބުދީފައިވަނީ އެކި ފަހަރު އެކި ގޮތަށެވެ.
އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެކެވެ.

