ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި 4 ޖޫން ގައި މިނިސްޓްރީއިން ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން 29 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި އޮންނާނެ ކަމަށެވެ. އަދި ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.
ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުން ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ އިންތިޒާމުވާނީ މިހާރު ވަނީ ހަމަޖެހިފަ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ޙާޟިރުވާން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ލިސްޓް
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
“ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން”ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވެސް ބަދަލު ގެނެވުނެވެ. އެ ބަދަލާއި ގުޅިގެން އެ މިނިސްޓްރީން ބުނީ ގުރުއަތު ނެގުން އޮންނާނީ ގޯތިތަކުގެ ވެރިފަރާތަށާއި، މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން 16 އޭޕްރިލް ގައި ކޮށްފައިވާ އިއުލާނާއި ގުޅޭ ގޮތަށް ކަމަށެވެ.

