ކ. ގުރައިދޫގައި އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސް ކުރުމަށް އޮކްޓޯބަރު 24 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވެއެވެ. މި އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ކ. ގުރައިދޫގައެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުންގެ އިތުރުން ފުލުހުންނާއި ގުރައިދޫ ކައުންސިލުންވެސް ބައިވެރިވެފައިވެއެވެ.
“މި އޮޕަރޭޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން،” އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގުރައިދޫގައި ހިންގި އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ އިތުރުން، ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުން ދީފައިވާ ކަމަށާއި، އެމީހުންނަށް ވަޒީފާ ދިން ފަސް ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 39 ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ މީހުން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

