ރާއްޖެއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އިންޑިއާގެ ދެމަފިރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން 9 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ކުރިން ހާމަކުރި ގޮތުގައި، މެލޭޝިއާއިން ރާއްޖެ އައި އިންޑިއާގެ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން އެ ދެ މީހުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި އަތުލައިގަނެވުނެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، އެ ދެމީހުންގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު ހެރޮއިންއަށް ޕޮޒިޓިވްވެފައިވެއެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 2.05 ކިލޯ ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގަކީ 2.05 މިލިއަން ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެ މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިދިޔަ ބުދަ ދުވަހު އެ ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކު ރުމުން ދެ މީހުން ވެސް ތިން ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އޭގެ ފަހުން ވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް، އެންމެ ފަހުން ކޯޓުން ވަނީ އެމީހުން 9 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

