މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިމި، އެއާޕޯޓް އަނެއްކާވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށް ދަތުރުތައް މެދުކަނޑާލާފައިވަނީ މިއަހަރުގެ މެއި މަހުއެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ ދިގުމިނަށް 650 މީޓަރު އިތުރުކޮށް، މުޅި ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކޮށްފައިވެއެވެ. މިހާރު ރަންވޭއަށް ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓު ފަހަރަށް ޖެއްސޭނެކަމަށް މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ކުރިން ބުނެފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. އައިލެންޑު އޭވިއޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ އަހަރު އެ އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވެއެވެ. މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.
ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ އިރު 2082 ފަތުރުވެރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަމަށް އައިލެންޑު އޭވިއޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އެއަރޕޯޓަކީ ރާއްޖޭގައި ހިމެނޭ އެންމެ މަތީފަންތީގެ ގިނަ ރިސޯޓުތަކެއް އެކުލެވޭ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ އެއަރޕޯޓެކެވެ.

