މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ ބުދަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ. މި ހަފްލާ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަ ދުވަހުގެ ރޭގައެވެ.
މީޑިއާ ކައުންސިލުން މިއަދު އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަފްލާ ފަސްކުރަން ޖެހުނީ އިދާރީ ބައެއް ސަބަބުތަކާ ހުރެ ކަމަށެވެ. ނަމަވެސް، ވަކި ސަބަބެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު މީޑިއާ ކައުންސިލުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މި އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމާއި، ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުންވެސް މި އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިފަހަރުގެ އެވޯޑަށް 18 ކެޓަގަރީއަކަށް 88 ހުށަހެޅުން ލިބިފައިވާއިރު އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އަހަރުގެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ފަސް ނޫސްވެރިއަކަށް އެސްއެމްއެސް ކުރަން ހުޅުވާލިއެވެ.
އަހަރުގެ މޮޅު ނޫސްވެރިޔާ ހޮވަނީ ފަނޑިޔާރުންގެ %85 އާއި އެސްއެމްއެސްގެ %15 ހިމަނައިގެންނެވެ.

