ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފިއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ “އިސްތިރާޖީ އަމަލީ ތަދުބީރު 2025-2027 ” އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވަނީ ހައިކޯޓުގައި
ފަނޑިޔާރުންގެ ޚިދުމަތުން މިހާރު ވަކިވެވަޑައިގެންފައިވާ 28 ބޭފުޅަކަށް، ޚިދުމަތުގެ ޒިކުރާ އައުކޮށް، ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚިދުމަތުގެ ގައުންކޮޅު ހަވާލުކޮށްދެއްވާފައެވެ.
އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ، އެ މަރުހޫމްގެ ދަރިކަލުންގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުވެވަޑައިގެންފައެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީއަތާ ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، 5 އޮކްޓޫބަރު 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރޭގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހައިކޯޓުން 2 ބޭފުޅަކަށް ވަނީ ހަނދާނީ ފިލާ ދެއްވައިފައެވެ. އަދި ފާއިތުވި އަހަރު ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވި 3 މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވިއެވެ.
ރޭގެ ޖަލްސާގައި އިފުތިތާހުކުރި ހައިކޯޓުގެ އިސްތިރާޖީ އަމަލީ ތަދުބީރުގެ މައިގަނޑު މަގުސަދަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ހައްލުތަކެއް ހޯދުމާއި، ކޯޓުގެ މައުލޫމާތު އެއްކުރުމާއި، ބެލެހެއްޓުން ހަރުދަނާކޮށް ކޯޓުގެ ނިންމުންތައް ނިންމުމުގައްޔާއި ސިޔާސަތު އެކުލަވާލުމުގައި އިލްމީ އަދި ތަހުލީލީ ގޮތް ގެންގުޅުމުގެ ސަގާފަތެއް ތައާރަފުކުރުމެވެ.

