ރާއްޖެއަށް ވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ދައުވަތު އަރުވައިފިއެވެ.
ރަސްގެފާނު ޗާލްސްއަށް މި ދައުވަތު އެރުވީ ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ދައުވަތު އަރުވާފައިވަނީ ކޮމަންވެލްތް ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރަސްގެފާނު ޗާލްސްއާއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްގެފާނު ޗާލްސްއާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި ރާއްޖެ ވަޑައިގަތުމަށް ޗާލްސްއަށް ދައުވަތު އެރުވިކަން ފާހަގަކުރައްވާފައިވެއެވެ.
ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގެންދަވަނީ ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވަމުންނެވެ.

