އިމާރާތާއި ގެދޮރާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި ބެހޭ ދާއިރާއިން، ކޯސްތައް ފަރުމާކޮށް، ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރަން ތައްޔާޜު ވެއްޖެއެވެ.
މޯލްޑިވިސް އެންހޭންސިންގ އެމްޕްލޮޔެބިލިޓީ އެންޑް ރެޒިލިއެންސް ފޮރ ޔޫތް (މީރީ) ޕްރޮޖެކްޓްގެ ފަންޑު އެހީގެ ދަށުން، ސްޓްރާޓާ އަދި ކޮމިއުނިޓީ މެނޭޖްމަންޓްގެ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްއެކުލަވައިލުމަށް، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ފަރުމާކުރުމުގެ އެއްބަސްވުމެއްގައި ވެސް މިހާރު ވަނީ މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ސޮއިވެސް ކުރައްވާފައެވެ. އެ އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެސަލރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެމް.އެން.އެސް.ޑީ.އޭ ގެ ފަރާތުން އެ އިދާރާގެ ސީއީއޯ ޑރ. ޒަހްރާ މުޙައްމަދު ވަނީ މި އެއްބަސްވުމުގައި ސޮއި ވެސް ކުރައްވާފައެވެ.
އެ އެއްބަސްވުމަކީ ސްޓްރާޓާ މެނޭޖްމަންޓް ނުވަތަ އިމާރާތާއި ގެދޮރާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި ބެހޭ ދާއިރާއިން، ކޯސްތައް ފަރުމާކޮށް، ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތީން ކުރެމުންދާ، ސްޓްރާޓާ މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް، އެމް.އެން.ޔޫ.ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ހަރުދަނާވެގެންދާނެއެވެ.
އެ މިނިސްޓްރީން ބުނީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އެމް.އެން. ޔޫ.އިން ވަނީ ކުރިއަށް ގެންދަން ފަށާފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރަމުން އަންނަ އެމްއެންއެސްޑީއޭ އަދި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ މީރީ ޕްރޮޖެކްޓަކީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް، އެކި އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނފައެވެ.

