ކުށްކުރާ ކުދިންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކްޝަން ޕްލޭނެއްގެ ޑްރާފްޓު އެކުލަވާލައިފިއެވެ.
މި ޑްރާފްޓް އެކުލަވައިލީ ”ކޮންފަރެންސް އޮން އެޑްރެސިންގ ޔޫތު އެންޑް ސަޕޯޓިންގ އެޓް-ރިސްކް ޗިލްޑްރަން އިން އއ. އެޓޯލް” މި ނަމުގައި މި މަހުގެ 23 އަދި 24 ގައި އުކުޅަހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބޭއްވި ކޮންފަރެންސްގައެވެ.
ފުލުހުން މިއަދު ބުނީ މި ކޮންފަރެންސްގައި، އަތޮޅުގައި ކުށްކުރާ ކުޑަކުދިން އަދި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ހާލަތާއި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ކުދިންގެ ހާލަތާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ބްލެކްމެއިލް ކުރުން އަދި ބުލީކުރުމުގެ މައްސަލަ އޮތް މިންވަރާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެކްޝަން ޕްލޭނެއްގެ ޑްރާފްޓު އެކުލަވައިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ކޮންފަރެންސްގައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނާއި އެހެނިހެން ފުލުހުންގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) އަތޮޅު ކޮމާންޑަރުންނާއި، އއ. އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ އިންޗާޖުންނާއި ޔުނިސެފްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

