ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ސައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ކަނޑައަޅައިފިއެވެ.
ބަޖެޓު ކޮމިޓީގެ މުޤައްރިރަކަށް ޢަލީ ފަޒާދު ކަނޑައަޅާފައިވަނީ މިއަދު ކުރިއަށްދިޔަ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައެވެ. އަދި ބަޖެޓު ކޮމިޓީގެ ނައިބު މުގައްރިރަކަށް ކަނޑައަޅާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސަރުކާރުން ހުށައެޅުއްވި ސަޕްލިމެންޓަރީ ބަޖެޓުގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.
ސަޕްލިމެންޓަރީ ބަޖެޓް ބަޔާން މަޖިލީހަށް ހުށައަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލިއިރު، އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައިނުވާކަމަށެވެ.
ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ސަޕްލިމަންޓް ހުށަހަޅާފައިވަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިންކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

