ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރާވެރިޔާ ވޮލީ މުބާރާތް 2024 އަންނަ ނޮވެމްބަރު 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރާވެރިޔާ ވޮލީ މުބާރާތަކީ ޒަމާންވީ ފޯރިގަދަ މުބާރާތެކެވެ. ފުރަތަމަ ގއ ގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތް މި ފަހަރު ވަނީ ދެކުނުގެ 4 އަތޮޅަކަށް ހުޅުވާލާފައެވެ. ގއ، ގދ، ސ، އަދި ފުވައްމުލަކު ސިޓީގެ ޓީމްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިއީ ދެކުނުގެ ރަށްތަކުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި އަތޮޅާއި ގައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ކުޅުންތެރިން ތައްޔާރު ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއްކަމަށް ނިލަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކައުންސިލްތަކާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިފައިވާއިރު ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު އެއްކުޅުންތެރިން ޓީމް ލިސްޓްގައި ޖެހޭނެއެވެ. އަދި އެކުޅުންތެރިޔަކީ 2023 ގެ ފަހުން ގައުމީޓީމަށް ކުޅޭކުޅުންތެރިޔަކަށް ވެގެންނުވާނެއެވެ.
މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިއެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

