މިއަހަރަށް ލަފާކޮށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން މިއަދާ ހަމައަށް ޚަރަދުކުރި ގޮތުގެ ތަފުސީލު، މި ސަރުކާރުން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ސިއްރުކުރަން އެ ކޮމިޓީން ފާސްކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފޮއެވެ.
އަދަދު ނޫހުން ރިޕޯޓުކުރި ޚަބަރެއްގައި ބުނީ މިއަހަރުގެ ބަޖެޓުން މިހާތަނަށް ޚަރަދުކުރި ގޮތުގެ ތަފުސީލު ކޮމިޓީއާ ހިއްސާކުރުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކަމަށާއި، މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެކަމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ 4 މެންބަރުންނާއި، އެމްޑީއޭގެ މެންބަރު ކަމަށެވެ.
ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ 14 މެންބަރުންނާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވޯޓު ދެއްވީ ތަފުސީލުތައް ސިއްރުކުރުމަށް ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކުރީ ކޮމިޓީން މާދަމާ 14:00 ގައި ބާއްވާ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރާއި، ކަމާ ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ކަމާ ގުޅުން ހުރި ކަންކަން ސާފުކުރުމަށް ކަމަށެވެ.

